ތައާރަފު
'އެދޭ ރާއްޖެ' ކެމްޕޭނުގެ ބޭނުމަކީ ފެހި ގާނޫނު އަސާސީން ތަސައްވުރު ކުރި ހަމަ އާއި އިންސާފު ގާއިމު ނުކުރެވި، ރައްޔިތުންގެ ބާރު ގެއްލުމުގެ ސަބަބުން ރައްޔިތުން އެދޭ ރާއްޖެއަށް އަލުން ދިއުމަށްޓަކައި ހިންގުމުގެ އޮނިގަނޑު އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައު އާއި، މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.

އިޖުތިމާއީ އަދި ސިޔާސީ ނިޒާމުން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާ ފަސާދައަކީ އާންމުވެފައިވާ އަދި އާދައިގެ ކަމަކަށް ވަމުންދާތީ އާއި ދައުލަތުގެ ހުރިހާ ބާރެއް ފެށި އަދި ދެމިއޮންނާން ޖެހެނީ ރައްޔިތުން ކިބައިގައި ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވީ ނަމަވެސް، ގާނޫނު އަސާސީގައި ގައުމީ އިންތިހާބުތައް ތަރުތީބުކޮށްފައިވާގޮތުން އިންތިހާބުތައް ނިމި، ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ މައްޗަށް ބާރު ހިންގާ އެފަރާތްތަކުގެ އަމިއްލަ މަސްލަހަތު އިސްކޮށް، ހަމަ އާއި އިންސާފުން ބޭރުވެ، ރައްޔިތުންގެ މައްޗަށް "ވެރިކަން" ހިންގަން ފަށައެވެ. އަދި އިންތިހާބުވާ ސަރުކާރުތަކުން ރައްޔިތުންނާ ދައުލަތުގެ މައްޗަށް ނާޖާއިޒު ބާރު ހިންގަން ފަށަ އެވެ.

ފެހި ގާނޫނުއަސާސީ އެކުލަވާލުމަށް ރައްޔިތުންގެ ހާއްސަ މަޖިލީހެއް އެކުލަވާލީ އޭރުގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ރައްޔިތުން އުންމީދު ކުރި މިނިވަންކަމާ، އިގްތިސާދީ އިޖުތިމާއީ ދުޅަހެޔޮކަން ލިބެން ނެތުމުންނެވެ. ފެހި ގާނޫނުއަސާސީން ގައުމު ހިންގުމުގެ އޮނިގަނޑަށް ކުރިއެރުންތަކެއް ހޯދުނުކަމުގައި ވިޔަސް، މިހާރު ފެންނަމުން ދަނީ ހިންގުމުގެ ނިޒާމު ކިލަނބުވެ، އިސްލާހީ ވިސްނުން ގެއްލި، އޭރެއްގެ ސަރުކާރަކުން އެބައެއްގެ ސިޔާސީ މަންފާއަށް ނިޒާމު ބައްޓަން ކުރަމުންދާ ތަނެވެ.

ކަން މިހެން އޮތްއިރު، 'އެދޭ ރާއްޖެ' ހަރަކާތުގެ އެންމެ މައިގަނޑު މަގްސަދަކީ ފެހި ގާނޫނުއަސާސީން އުންމީދު ކުރި ރާއްޖެއަށް ވާސިލްވުމަށް އާ ހުށަހެޅުންތަކާއި ތަފާތު ވިސްނުންތަކާ މެދު ބަހުސްކޮށް، އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރިކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމެވެ.

ދައުލަތުގެ ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ އަދި ދެމިއޮންނާން ޖެހެނީ ރައްޔިތުން ކިބައިގައި ކަމަށް ގާނޫނުއަސާސީގައި ބުނެއެވެ. އެހެން ކަމުން ދިވެހި ދައުލަތުގެ ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައިކަން ކަށަވަރުކޮށް، އަދުލުވެރި ދައުލަތެއް ބިނާކޮށް، ގައުމު ހިންގަން ހަވާލުވާ ސަރުކާރުތަކުން ހަމަ އާއި އިންސާފުން ބޭރުން، ގޮތް ނިންމަށް ފުރުސަތު ނެތްކަމީ ހަގީގަތެއްކަން ގަބޫލުކޮށް ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ޔަގީން ކުރުމަށް ތިރީގައިވާ ކަންކަން ގާނޫނު އަސާސީގައި ހިމެނުމަށް ހުށަހަޅަމެވެ. ދަ ގަވަނަންސް އިނިޝިއޭޓިވް އިން ހިންގާ މި ހަރަކާތުގައި ބައިވެރިވުމަށް އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.
ރައްޔިތުންގެ ބާރު
ރައްޔިތުންގެ މަޖިލިސް ތަރުތީބު ކުރުން
ގައުމީ ތަސައްވަރާއި ދުރުރާސްތާގެ ޕްލޭން
އަތޮޅު ހިންގުން
އަދުލު އިންސާފު
އިންތިހާބީ ނިޒާމު
ދައުލަތް ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބު ކުރުން
މިނިވަން ބަންޑާރަ ނައިބު
ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާ ކުރުން
ދައުރުގެ މެދުތެރެއިން އިންތިހާބު
ސަރުކާރުގެ ރޯލު
ގާނޫނު އަސާސީ އިސްލާހު ކުރުން
ގާނޫނު އަސާސީ އާ ހިލާފުވާ ދައުލަތުގެ އިސް ހިންގުންތެރީންނަށް އިތުރު އަދަބު ކަނޑައެޅުން
އައްޔަން ކުރާ ސިޔާސީ މަގާމުތަކުގެ އަދަދު ކަނޑައެޅުން
ކުންފުނިތައް
ރިޕޯޓް