އަތޮޅު ހިންގުން
4
އަތޮޅު ހިންގުން

މައްސަލަ:

ދިވެހިރާއްޖޭގެ ހުރިހާ ވަސީލަތެއްހެން، ދައުލަތުގެ ބަޖެޓާ ގުދުރަތީ ވަސީލަތްތައް ކޮންޓްރޯލް ކުރަމުންދަނީ މައި ސަރުކާރުންނެވެ. އަދި އޭރެއްގެ ސަރުކާރު ހިންގުމާ ހަވާލުވާ ފަރާތްތަކުން މި ވަސީލަތްތައް ނަހަމަ ގޮތުގައި އަމިއްލަ ނުވަތަ އެފަރާތްތަކުގެ ސިޔާސީ މަންފާއަށް ބޭނުންކުރާ ކަމުގެ ޝަކުވާ ކުރެވެއެވެ. މިގޮތަށް ދައުލަތުގެ މާލީ އަދި ގުދުރަތީ ވަސީލަތްތައް މަރުކަޒީ ބާރުގެ ދަށުގައި އޮތުމަކީ މުޅި ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅި، ތަރައްގީ މަރުކަޒުވެ، މާލެ ސަރަހައްދު ތޮއްޖެހި، ރައްޔިތުންގެ މެދުގަ ފަރަގު ބޮޑުވަމުންދާން މެދުވެރިވާ ސަބަބެކެވެ.

އެދޭ ރާއްޖެގެ ހުށަހެޅުން:

އަތޮޅު ހިންގުމަކީ ގާނޫނު އަސާސީން ބާރު ލިބިގެން ގައުމީ ތަސައްވަރު ހާސިލު ކުރުމަށް، ދިގު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނަށް ވާސިލުވުމަށްޓަކައި އަތޮޅު ތަރައްގީކޮށް ހިންގުމަށް އަތޮޅުތަކުގައި ގާއިމު ކުރާ ހިންގުމުގެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅައި، އަތޮޅު ވަސީލަތްތަކަށް ގޮތް ނިންމުމުގައި އަތޮޅު ރައްޔިތުންގެ މަޝްވަރާ އާއި ރުހުން ހޯދުމަށް ލާޒިމް ކުރާގޮތަށް ކަނޑައަޅައި، ވީހާވެސް ހަމަހަމަކޮށް ދައުލަތުގެ ހިދުމަތްތަކާއި ތަރައްގީގެ ޕްލޭން ތަންފީޒު ކުރުމާއި ދުވެލި އަވަސްކޮށް، އަތޮޅު ހިންގުމުގައި ވީހާވެސް ގިނަ ރައްޔިތުންގެ ޝާމިލުވުން އިތުރު ކުރުމާއެކު އަތޮޅު ވަސީލަތް ބޭނުންކޮށްގެން ތަރައްގީކޮށް ހިންގުމުގެ ބާރު ދިނުމަށް ތިރީގައިވާ ކަންކަން ހުށަހަޅަމެވެ.

1. ކަމާ ގުޅޭ އިލުމާއި ތަޖުރިބާ ހުރި މީހުންނާއި ކައުންސިލްތަކާ، މަދަނީ މުޖުތަމައުއާ، ރައްޔިތުންގެ މައުނަވީ ބައިވެރިވުމާއެކު ގައުމީ ތަރައްގީގެ ޕްލޭނާ ލާމެހިގެންދާގޮތަށް މުޅިއަތޮޅު ހިއްސާވާ އަތޮޅު ތަރައްގީގެ ތަސައްވުރާއި ޕްލޭންއެއް އެކުލަވާލާއި، ގާނޫނީ ބާރުދިނުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން.

2. އަތޮޅު ތަރައްގީ ކަށަވަރު ކުރުމާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ގައުމީ ތަރައްގީގެ ޕްލޭން ތަންފީޒު ކުރުވުމަށްޓަކައި، އަތޮޅުގައިވާ ގުދުރަތީ ވަސީލަތްތައް ހިމެނޭގޮތުން ދައުލަތުގެ ވަސީލަތްތަކުގެ ހައްގު އިންސައްތައެއް ކައުންސިލްތަކަށް ލިބޭނެ ގޮތް ކަނޑައެޅުން (ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް މިހާރު ލިބެނީ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ 5 އިންސައްތަ އަދި ބިމު ކުލީގެ 40 އިންސައްތަ).

3. ދިގު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނަށް ވާސިލުވުމަށްޓަކައި އަތޮޅުގެ އިހުތިސާސާއި ބާރު ގާނޫނުއަސާސީގައި ކަނޑައެޅުން.

4. އަތޮޅު ކައުންސިލްގެ ރައީސްއާއި ނައިބު ރައީސް ސީދާ އަތޮޅުން އިންތިހާބުކުރުން.

5. އަތޮޅު ކައުންސިލް ރައީސް އަދި ނައިބު ރައީސް ދުވަހުން ދުވަހަށް މަސައްކަތަށް ނުކުންނަން ޖެހޭނެގޮތަށް ކަނޑައެޅުން.

6. އަތޮޅު ކައުންސިލްގެ އެހެން މެމްބަރުންނަކީ ކައުންސިލް ބައްދަލުވުންތަކަށް ހާޒިރުވާ މީހުންކަމަށް ކަނޑައެޅުން.

7. ކައުންސިލްގެ އެކުލެވިގެންވަނީ އަތޮޅުގެ ކޮންމެ ރަށަކުން އިންތިހާބު ކުރާ ބައެއްކަމަށް ކަނޑައެޅުން.

8. އަތޮޅު ހިންގުން ޔަގީން ކުރުމަށް އެކަމަށް ގާބިލް ފަރާތްތައް ކައުންސިލްތަކަށް ގެނައުމުގެ ބޭނުމުގައި އެފަރާތްތަކުގެ ޝަރުތުތަކާމެދު މަޝްވަރާ ކުރުން.

ނަތީޖާ:

ހަރުދަނާ ލާމަރުކަޒީ ނިޒާމެއް އެކުލަވާލައި، ގާނޫނު އަސާސީން އަތޮޅުގެ ވަސީލަތްތަކަށް އިތުރު ރައްކާތެރިކަން ކަށަވަރު ކުރެވި، އަތޮޅު ހިންގުމާއި އަތޮޅު ވަސީލަތްތަކާމެދު ގޮތް ނިންމުގެ ބާރު އެ އަތޮޅެއްގެ ރައްޔިތުންނަށް ލިބި، ތަރައްގީގެ ކަންކަމުގައި ގިނަ ރައްޔިތުންގެ ބައިވެރިވުން ކަށަވަރު ކުރެވި، ގައުމީ ތަރައްގީގެ ކަންކަމަކީ އޭރަކު އޮންނަ ސަރުކާރަކުން ކުއްލި ކުއްލިއަށް ހިންގާ މަޝްރޫއުތަކަކަށް ވުމުގެ ބަދަލުގައި ދުރާލާ ރޭވިގެން، ދިގު ރާސްތާގެ ތަސައްވުރަކާއެކު ހިންގާ މަޝްރޫއުތަކަށްވެ، މާލެ ސަރަހައްދަށް ތޮއްޖެހުން ކުޑަ ކުރެވި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ދުވެލި ހަލުވި ވެގެންދާނެއެވެ.
ފެނޭ
ނުފެނޭ
ކޮމެންޓް