ސަރުކާރުގެ ރޯލު
މައްސަލަ:
ގާނޫނުއަސާސީ ތަސައްވުރު ކުރާ ޗެކްސް އެންޑް ބެލެންސަސް އަދި ހަމަތަކުގެ ނިޒާމު ޔަގީން ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ރޯލު ގާނޫނުއަސާސީގައި އިތުރަށް ސާފުކުރުން މުހިންމެވެ. ސަރުކާރުތަކުގެ ދައުރަކީ މައިކްރޯ ދަރަޖައެއްގައި ކަންކަން ހިންގާ ބެލުންކަމަށް މިހާރު ހީވެފައި އޮވެއެވެ. މިގޮތުން، ސަރުކާރުތަކުން ރަށްރަށުގައި ބަށިކޯޓާއި ފުޓްސެލް ދަނޑު އެޅުންފަދަ ކަންތަކަށް ހަރަދުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއެވެ. މިހެން ކަމުން، ސަރުކާރުތަކުގެ ދައުރަކީ ޖަމްއިއްޔާޖަމާއަތްތަކުގެ ދައުރުކަމަށް ބެލެވޭތަން ވެސް އާދެއެވެ.
އެދޭ ރާއްޖޭ'ގެ ހުށަހެޅުން:
ގާނޫނުއަސާސީން ތަސައްވުރު ކުރާ ހަރުދަނާ ހިންގުމުގެ ނިޒާމެއް ގާއިމް ކުރުމަށް ތިރީގައިވާ ކަންކަން 'އެދޭ ރާއްޖެ'އިން ހުށަހަޅަމެވެ.
1. ސަރުކާރުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ދިގުރާސްތާގެ ޕްލޭނާ އެއްގޮތަށް ގައުމު ކުރިއެރުވުމަށް އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައަޅައި، ސިޔާސަތުތަކާއެއްގޮތަށް ހިންގާތޯ ޔަގީން ކުރުން.
2. ރައްޔިތުންގެ ތާއީދާއެކު ފާސްކުރާ ގައުމީ ތަރައްގީގެ ޕްލޭން ތަންފީޒު ކުރުމަށް ސިޔާސަތު ކަނޑައެޅުމާއި، ކައުންސިލްތަކާ އެހެނިހެން އިދާރާތަކުން ޕްލޭން ތަންފީޒުކުރުމަށް މަގުފަހިކޮށްދިނުން.
3. ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މަގާމުގެ ކުރިއެރުންތައް ހާސިލު ކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ދަރަޖަ އުފުލަން މަސައްކަތްކުރުން.
4. ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ހިދުމަތްތަކާއި ރައްކާތެރިކަން ލިބެމުންދޭތޯ ޔަގީން ކުރުން.
5. ހަކަތަ، ތިމާވެށި، ކާބޯތަކެތި އަދި ޖިސްމާނީ ރައްކާތެރިކަން ކަށަވަރުކުރުން.
ނަތީޖާ:
ސަރުކާރުތަކަކީ މައިކްރޯ ޖަރަޖައިގެ ކަންކަމަށް އިސްކަންދޭ ފަރާތެއްގެ ގޮތުގައި ވިސްނުމަށްވުރެ، ސަރުކާރުތަކުގެ ދައުރަކީ ރައްޔިތުން ފާސްކުރާ ދިގުރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭންތައް ތަންފީޒުވާކަން ޔަގީންކުރުންކަމަށް ވިސްނައި، އެ މިސްރާބަށް މަސައްކަތްކުރުމުން، އެހެން ގައުމުތަކާއި ވާދަކޮށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރެވޭފަދަ ގައުމަކަށް ދިވެހިރާއްޖެ ބަދަލުކުރެވި، ނިޒާމް ހަރުދަނާކޮށް ހިންގުމަށް މަގުފަހި ކުރެވިގެންދާނެއެވެ.