ހުށަހަޅާ އޮނިގަނޑު

އެދޭ ރާއްޖެ ކެމްޕޭނުގެ ބޭނުމަކީ ފެހި ގާނޫނު އަސާސީން ތަސައްވުރު ކުރި "ހަމަ އާއި އިންސާފު" ގާއިމު ނުކުރެވި، ރައްޔިތުންގެ ބާރު ގެއްލިއަދި "ތެދުވެރި އިހްލާސްތެރި" މީހުންނަށް ހިންގުމުގެ އޮނިގަނޑުން ޖާގަ ނުލިބުމުގެ ސަބަބުން، އަލުން ރައްޔިތުން އެދޭ ރާއްޖެއަށް ދިއުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައު އާއި، މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.

އިޖުތިމާއީ އަދި ސިޔާސީ ނިޒާމުން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާ ފަސާދައަކީ އާންމުވެފައިވާ އަދި އާދައިގެ ކަމަކަށް ވަމުންދާތީ އާއި ދައުލަތުގެ ހުރިހާ ބާރެއް ފެށި އަދި ދެމިއޮންނާން ޖެހެނީ ރައްޔިތުން ކިބައިގައި ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވީ ނަމަވެސް، ގާނޫނު އަސާސީގައި ގައުމީ އިންތިހާބުތައް ތަރުތީބުކޮށްފައިވާގޮތުން އިންތިހާބުތައް ނިމި، ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ މައްޗަށް ބާރު ހިންގާ އެފަރާތްތަކުގެ އަމިއްލަ މަސްލަހަތު އިސްކޮށް، ހަމަ އާއި އިންސާފުން ބޭރުވެ، ރައްޔިތުންގެ މައްޗަށް "ވެރިކަން" ހިންގަން ފަށައެވެ. އަދި އިންތިހާބުވާ ސަރުކާރުތަކުން ރައްޔިތުންނާ ދައުލަތުގެ މައްޗަށް ނާޖާއިޒު ބާރު ހިންގަން ފަށަ އެވެ.

ފެހި ގާނޫނުއަސާސީ އެކުލަވާލުމަށް ރައްޔިތުންގެ ހާއްސަ މަޖިލީހެއް އެކުލަވާލީ އޭރުގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ރައްޔިތުން އުންމީދު ކުރި މިނިވަންކަމާ، އިގްތިސާދީ އިޖުތިމާއީ ދުޅަހެޔޮކަން ލިބެން ނެތުމުންނެވެ. ފެހި ގާނޫނުއަސާސީން ގައުމު ހިންގުމުގެ އޮނިގަނޑަށް ކުރިއެރުންތަކެއް ހޯދުނުކަމުގައި ވިޔަސް، މިހާރު ފެންނަމުން ދަނީ ހިންގުމުގެ ނިޒާމު ކިލަނބުވެ، އިސްލާހީ ވިސްނުން ގެއްލި، އޭރެއްގެ ސަރުކާރަކުން އެބައެއްގެ ސިޔާސީ މަންފާއަށް ނިޒާމު ބައްޓަން ކުރަމުންދާ ތަނެވެ.

ކަން މިހެން އޮތްއިރު، 'އެދޭ ރާއްޖެ' ހަރަކާތުގެ އެންމެ މައިގަނޑު މަގްސަދަކީ ފެހި ގާނޫނުއަސާސީން އުންމީދު ކުރި ރާއްޖެއަށް ވާސިލްވުމަށް އާ ހުށަހެޅުންތަކާއި ތަފާތު ވިސްނުންތަކާ މެދު ބަހުސްކޮށް، އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރިކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމެވެ.

ދައުލަތުގެ ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ އަދި ދެމިއޮންނާން ޖެހެނީ ރައްޔިތުން ކިބައިގައި ކަމަށް ގާނޫނުއަސާސީގައި ބުނެ އެވެ. އެހެން ކަމުން ދިވެހި ދައުލަތުގެ ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައިކަން ކަށަވަރުކޮށް، އަދުލުވެރި ދައުލަތެއް ބިނާކޮށް، ގައުމު ހިންގަން ހަވާލުވާ ސަރުކާރުތަކުން ހަމަ އާއި އިންސާފުން ބޭރުން، ގޮތް ނިންމަށް ފުރުސަތު ނެތްކަމީ ހަގީގަތެއްކަން ގަބޫލުކޮށް ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ޔަގީން ކުރުމަށް ތިރީގައިވާ ކަންކަން ގާނޫނު އަސާސީގައި ހިމެނުމަށް ހުށަހަޅަމެވެ. އަދި މި ހަރަކާތުގައި ބައިވެރިވުމަށް އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.

1. ރައްޔިތުންގެ ބާރު

ހުށަހެޅުން

ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނިންމުންތައް މުރާޖާ (ރިވައިޒް)  ކުރަން އެންގުމުގެ ދުސްތޫރީ ބާރު ރައްޔިތުންނަށް ލިބުމާއެކު ޕެޓިޝަން ހުށަހެޅޭނެ ނިޒާމެއް އުފަންވުން

ނަތީޖާ:

ރައްޔިތުންގެ ބާރު ހިނގާކަން ކަށަވަރު ކުރެވި، ގައުމުގެ މަންފާއަށް ވުރެ ސިޔާސީންގެ ފައިދާއަށް ކުރާ ކަންކަން ނިމުމަކަށް ގެނެވި، ރައްޔިތުންގެ ކަންބޮޑުވުންތައް ޕެޓިޝަން މެދުވެރިކޮށް ހުށަހެޅުމުން އެކަންކަން ބެލުމަށް މަޖުބޫރުވާ ހާލަތެއް ދުސްތޫރީ ގޮތުން އުފަންވެ، ޑައިރެކްޓް ޑިމޮކްރަސީގެ އަސާސްތައް ހިންގުމުގެ އޮނިގަނޑުގެ ތެރެއަށް ތައާރަފުވުން

2. ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕީޖީ ލުމާއި ވަކި ކުރުމުގައި ރައްޔިތުންގެ ބަސް ހޯދުން

ހުށަހެޅުން

ސުޕްރިމް ކޯޓު ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލާއި ބަންޑާރަ ނައިބާއި އޮޑިޓަ ޖެނެރަލުގެ މަގާމަށް މީހުން އައްޔަނު ކުރުމުގައި މަދަނީ މުޖުތަމައުގެ ހުށަހެޅުންތަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީއަކުން އެއްބަސްވެ، ރައްޔިތުންގެ މަޖިލީހުގެ މަތިގޭގެ ރުހުން ދޭ މީހުންނާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރުހުން ލިބިގެން މަގާމަށް އައްޔަނު ކުރާ ގޮތަށް ކަނޑައަޅައި އަދި ވަކި ކުރުމުގައި ވެސް ފެންނަ ނުފެންނަ ވޯޓް ނަގާ ގޮތަށް ހަމަޖެއްސުމަށް

ނަތީޖާ:

ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ނުފޫޒުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލް އާއި ބަންޑާރަ ނައިބާއި އޮޑިޓަ ޖެނެރަލް މިނިވަންވެ، ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަވަރުވުން

3. ސަރުކާރު ހިންގާ އެންމެ އިސް މީހާ ރައްޔިތުންނަށް ޖަވާބުދާރީވުން

ހުށަހެޅުން

ސަރުކާރު ހިންގާ އެންމެ އިސް މީހާ ރައްޔިތުންނަށް ޖަވާބުދާރީވާކަން ޔަގީން ކުރުމުގެ ގޮތުން އަހަރަކު އެއް ފަހަރަށް ވުރެ ގިނަ ފަހަރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ރައްޔިތުންގެ މަންދޫބުންގެ ސުވާލުތަކަށް ޖަވާބުދާރީވާން ލާޒިމް ކުރުމަށް

ނަތީޖާ:

ސަރުކާރު ހިންގާ އެންމެ އިސް މީހާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާ ކުރަމުންދާގޮތް ހާމަވެ، ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް މަންދޫބުން މެދުވެރިކޮށް ވަގުތުން ޖަވާބު ލިބި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ހަގީގަތް އެންމެ އިސް ހާދިމުގެ ފުށުން ގައުމުގެ ވެރިންކަމަށްވާ ރައްޔިތުންނަށް ހާމަވުން

4. މަތިގެ އުފައްދާ މަޖިލިސް އަލުން ތަރުތީބު ކުރުން

ހުށަހެޅުން

ގާނޫނު ހެދުމުގައި އަދި ދައުލަތް ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަސްލަހަތު ޔަގީން ކުރުމަށް އިތުރު ފަށަލައެއްގެގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މަތިގެއެއް އުފައްދައި، މަތިގެ އަކާއި ތިރިގެ ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީސް އަލުން ތަރުތީބު ކުރުމަށް

ނަތީޖާ:

ތިރިގޭގައި އޮންނަ މެޖޯރިޓީ ނަހަމަގޮތުގައި ބޭނުންކޮށްގެން ކަމެއް ނިންމި ކަމަށް ބެލިދާނެ ހާލަތެއްގައި އެ ނިންމުންތަކަށް މަތިގެއިން ހައްލު ހޯދައިދީ، މިނިވަން ކަމާ އެކު ސަރުކާރު ޖަވާބުދާރީ ކުރުވި، ކަންކަން ނިންމަނީ ދައުލަތުގެ މަންފާ އަށްތޯ ކަވަރު ކުރެވި ރައްޔިތުންގެ މަސްލަހަތު ޔަގީންވުން

5. މެމްބަރުންގެ އަދަދު ކޮންޓްރޯލުކޮށް، ރިކޯލް ވޯޓުން ނެގުން

ހުށަހެޅުން

މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންޓްރޯލް ކުރުމަށާއި ދާއިރާތަކުގެ ބަދަލުގައި އެންމެ ކުޑަވެގެން މުޅި އަތޮޅުން/ ސިޓީން ވޯޓްލައިގެން މެމްބަރުން އިންތިހާބު ކުރާގޮތަށް ހަމަޖައްސައި، އިންތިހާބުން ހޮވޭ މީހުން ޖަވާބުދާރީވާން ލާޒިމް ކުރުމާ އެކު ރިކޯލް ވޯޓް ނެގުމާއި އިންތިހާބީ ނިޒާމު މިހާރަށްވުރެ ވަރުގަދަ ކުރުމަށް

ނަތީޖާ:

މަޖިލީހުގެ މެމްބަރުންގެ އަދަދު ހައްދެއްނެތް މިންވަރަށް އިތުރުވަމުން ނުދިޔުމާއި، މަދު ބައެއްގެ މައްޗަށް ނާޖާއިޒު ނުފޫޒު ފޯރުވައިގެން އިންތިހާބު ކާމިޔާބު ކުރާ ކަމަށް ކުރާ ތުހުމަތުތައް މަދުވުމާއި އިންތިހާބީ މީހާ ފިލައިގެން އުޅޭ އުޅުމަށް ނިމުމެއް ގެނެސް، ރިކޯލް ނެގުމުގެ ފުރުސަތު ލިބުމާއި އިންތިހާބުތަކަށް ހޭދަ ކުރާ ފައިސާގެ ހާމަކަން ބޮޑުވެ، ގައުމީ އިންތިހާބުތަކުގައި ވޯޓްދިން މީހުންގެ ތެރެއިން ސައްހަ ވޯޓުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ގިނަ ވޯޓުން އިންތިހާބުވުން

6. ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބު ކުރުން

ހުށަހެޅުން

ދައުލަތާއި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބުކޮށް، މަދަނީ މުޖުތަމައުގެ ހުށަހެޅުންތަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީއަކުން އެއްބަސްވެ، ރައްޔިތުންގެ މަޖިލީހުގެ މަތިގޭގެ ރުހުން ލިބޭ މީހުންގެ މައްޗަށް މިނިވަން މުއައްސަސާތައް އެކުލަވާލުމަށް

ނަތީޖާ: 

ދައުލަތާއި ސަރުކާރު ހިންގުމާ ހަވާލުވާ މީހުން ޖަވާބުދާރީ ކުރުމަށް އުފައްދާފައިވާ މުއައްސަސާތައް ސަރުކާރުތަކުން ކޮންޓްރޯލް ކުރާ ކަމަށް ކުރެވޭ ތުހުމަތުތައް ނިމުމަކަށް ގެނެވި، ފަސް ޖެހުމެއް، ބިރުވެރިކަމެއް ނެތި ދައުލަތާއި ސަރުކާރު ހިންގުމާ ހަވާލުވާ މީހުން ޖަވާބުދާރީ ކުރުމުގެ ފުރުސަތު މުއައްސަސާތަކަށް ލިބުން

7. ރިޔާސީ ދައުރުގެ މެދުން މަޖިލީހުގެ މެދު އިންތިހާބު ބޭއްވުން

ހުށަހެޅުން

ރިޔާސީ އިންތިހާބާއެކު ރައްޔިތުންގެ މަޖިލީހުގެ  50% މެމްބަރުން ހޮވުމަށް މަޖިލީހުގެ އިންތިހާބެއް ބޭއްވުން.

ރައްޔިތުންގެ މަޖިލީހުގެ ބާރުވެރިކަން ބެލެންސް ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުމަށްޓަކައި ރިޔާސީ ދައުރުގެ މެދުތެރެއިން، މަޖިލީހުގެ 50%  މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބާއެކު، ކައުންސިލް އިންތިހާބު ބޭއްވުން 

ނަތީޖާ:

1. ރައްޔިތުންގެ ބާރު ފަސް އަހަރު ދުވަހުގެ ތެރޭގައި ދެ ވަގުތެއްގައި ބޭނުން ކުރަން ލިބި، ރައްޔިތުންގެ ބާރުވެރިކަން ދެމެހެއްޓި، ރައްކާތެރިކަން ކަށަވަރު ކުރެވި، މަޖިލީހުގެ ކޮންޓިނިޔުޓީ ހިފެހެއްޓުން

2. މަޖިލިސް މެމްބަރުން ސަރުކާރުގެ ނާޖާއިޒް ނުފޫޒުގައި ތާށިވެ ތިބޭ ކަމަށް ބުނާ ބުނުން ނިމުމަކަށް ގެނައުން

3. އެއް ޕާޓީއަކުން ދައުލަތުގެ ނިޒާމު 5 އަހަރަށް ހިސޯރު ކުރުން ހުއްޓުވައި، ގޮތް ނިންމުމަށް އިތުރު ފުރުސަތެއް ރައްޔިތުންނަށް ލިބި، މަޖިލީހުގެ ބާރުވެރިކަން ބެލެންސް ކުރުމުގެ ޖާގަ ލިބުން

4. ސަރުކާރުތަކުގެ އަމަލުތަކާއި މަޖިލީހުގެ ނިންމުންތަކުގެ ސަބަބުން ގައުމަށް ލިބޭ ގެއްލުންތައް ކުޑަވުން

5. ސިޔާސީ ހާލަތު ވަޒަން ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބި، ސަރުކާރާއި ސިޔާސީ ހަރަކާތްތެރިންގެ ސިޔާސަތުތައް މިނެކިރާ، ބަދަލު ކުރުމުގެ ޖާގަ ސަރުކާރަށާއި ސިޔާސީ ހަރަކާތްތެރިންނަށް ލިބުން

6. މަދަނީ ހަމަނުޖެހުކަމަށް ނުގޮސް، އިގުތިސާދީ އަނދަވަޅަކަށް ނުވެއްޓި، ސުލްހަވެރިކަމާ އެކު ދައުލަތް ސަލާމަތްކުރަން ޖާގަ ލިބުން.

8. ރައްޔިތުން ރުހުން ލިބިފައިވާ ތަސައްވަރަކަށް ތަރައްގީ ކުރުން

ހުށަހެޅުން

ގާނޫނު އަސާސީން ރައްކާތެރިކަން ލިބިފައިވާ ގައުމީ ތަސައްވުރަކާއި ގައުމީ ތަރައްގީގެ ޕްލޭނަކަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ކުރުމަށާއި އަތޮޅު ވަސީލަތްތަކަށް ގޮތް ނިންމުމުގައި އަތޮޅުގެ ބަހެއް  ހޯދުމަށް ލާޒިމް ކުރާގޮތަށް ކަނޑައަޅައި، އަތޮޅު ހިންގުމުގައި ރައްޔިތުންގެ ޝާމިލުވުން އިތުރުކުރުމާއެކު އަތޮޅު ހިންގަން އިތުރަށް ބާރު ދިނުމަށް

ނަތީޖާ:

މުޅި ރާއްޖެ ހިއްސާވާ ތަރައްގީގެ ތަސައްވުރެއް އެކުލަވާލެވި، ކޮންމެ ސަރުކާރެއް އޮތް ކަމުގައި ވިޔަސް، ގައުމީ ތަރައްގީގެ ޕްލޭނަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ވުމާއި ހަރުދަނާ ލާމަރުކަޒީ ނިޒާމެއް އެކުލަވާލެވި، އަތޮޅުގެ ވަސީލަތްތަކަށް އިތުރު ރައްކާތެރިކަމެއް ލިބި، ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވި ވެގެންދިޔުން

9. ސަރުކާރުގެ ދައުރު އަލުން ތަރުތީބު ކުރުން

ހުށަހެޅުން

ރައްޔިތުންގެ މަންފާއަށް ކަމަށް ބުނެ، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި، ބޭނުން ކުރާ ކަމަށް ކުރެވޭ ތުހުމަތު ކުޑަ ކުރުމަށްޓަކައި ސަރުކާރުގެ ދައުރު މިހާރަށް ވުރެ ސާފުކޮށް ބަޔާން ކުރުމަށާއި ދިގުރާސްތާގެ ތަސައްވަރާ ހިލާފުވުމާގޮތަށް ސިޔާސަތުތައް އެކަށައަޅައި، އެ ސިޔާސަތުތަކާއެއްގޮތަށް ހިންގާތޯ ޔަގީން ކުރުމާއެކު ތަންފީޒު ކުރުމަށް އެހީތެރިވުމަށް

ނަތީޖާ:

ސަރުކާރުތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ދިގުރާސްތާގެ ޕްލޭނާއެއްގޮތަށް ގައުމު ކުރިއެރުވުމަށް އެކަށައަޅަން ޖެހޭ ސިޔާސަތުތައް އެކަށައަޅައި، ސިޔާސަތުތަކާއެއްގޮތަށް ހިންގާތޯ ޔަގީން ކުރުމާއެކު ތަންފީޒުކުރުމަށް އެހީތެރިވުމާއި ދިގުރާސްތާގެ ތަރައްގީގެ ޕްލޭން ތަންފީޒުވާކަން ޔަގީން ކުރުމާއި، އެހެން ގައުމުތަކާ ވާދަކޮށް ކުރި ހޯދާ ގައުމަކަށް ރާއްޖެވުން

10. ސިޔާސީ މަގާމުތައް ކޮންޓްރޯލް ކުރުމަށް

ހުށަހެޅުން

ރައީސްގެ އަމިއްލަ މަންފާއަށްޓަކައި، ސިޔާސީ މަގާމުތައް އިތުރު ކުރާ ކުރުން ނިމުކަމަށް ގެނެސް، ސިޔާސީ މަގާމަށް މީހުން އައްޔަނު ކުރެވޭނެ އަދަދު ކަނޑައެޅުމަށް

ނަތީޖާ:

ސިޔާސީ މަގާމުތަކަށް ކުރާ ހަރަދު ކުޑަކުރެވި، މަތިބަރު އިސްރާފު ބޮޑު، ސަރުކާރެއްގެ ބަދަލުގައި ރައްޔިތުންގެ ފައިސާ ރައްޔިތުންގެ މަސްލަހަތުގައި ހޭދަ ކުރުމަށް ލާޒިމްވުން

11. ސަރުކާރުގެ ނުފޫޒުން ކުންފުނިތައް ސަލާމަތް ކުރުން

ހުށަހެޅުން

ދައުލަތުގެ ކުންފުނިތަކުގައި ސަރުކާރުގެ ބައިވެރިވުން ކުޑަކޮށް ކުންފުނިތައް ރެގިއުލޭޓްކޮށް ހިންގޭނެ އޮނިގަނޑެއް ގާނޫނު އަސާސީގައި ކަނޑައެޅުމަށް

ނަތީޖާ:

ދައުލަތުގެ ބޭނުމަށް ވުރެ ސަރުކާރުގެ އަމިއްލަ މަސްހަލަތާއި ސިޔާސީ މަންފާއަށް ދައުލަތުގެ ކުންފުނިތަކުން ކުރަމުންގެންދާ ހޭދަ ނިމުކަށް ގެނެސް ކޯޕަރޭޓް ގަވަނަންސް އާއެއްގޮތަށް ކުންފުނިތައް ރެގިއުލޭޓްކޮށް ހިންގުން ހަރުދަނާވުން

12. ދައުލަތުގެ މުދަލާއި ވަސީލަތްތައް ބެލެހެއްޓުން ހަރުދަނާ ކުރުން

ހުށަހެޅުން

ސަރުކާރާއި މުޅިން ވަކިން ދައުލަތުގެ އެސެޓްތަކާއި މާލީ ހިސާބުތައް ހާމަކޮށް ބަލަހައްޓާނެ ނިޒާމެއް އެކުލަވާލުމަށް

ނަތީޖާ:

ދައުލަތުގެ އެސެޓާއި އެންމެހާ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރެވި، މިނިވަންކަމާއެކު މާލިއްޔަތާއި އާމްދަނީގެ ހިސާބު ކިތާބު ބެލެހެއްޓި، ހާމަ ކުރަން ޖާގަ ލިބުން

13. ސިޔާސީން ނެރެ ޖޭއެސްސީ މިނިވަން ކުރުން

ހުށަހެޅުން

މަދަނީ މުޖުތަމައުގެ ހުށަހެޅުންތަކަށް ބިނާކޮށް، ސިޔާސީ މީހުން ނުހިމެނޭ ގޮތަށް ޖޭއެސްސީ މިނިވަން ކުރުމަށް

ނަތީޖާ:

ފަނޑިޔާރުގެއަށް އޮންނަ ސިޔާސީ ނުފޫޒު ކުޑަ ކުރެވި، ފަނޑިޔާރުކަމުގެ މަގާމަށް އާދެވޭނެ ސާފު މަގެއް ދުރާލާ އެނގިފައި އޮތް އޮނިގަނޑެއް ލިބުން

14. ސިޔާސީ ޕާޓީ މިނިވަންކޮށް ހިންގުން ހަރުދަނާ ކުރުން

ހުށަހެޅުން

ޕާޓީތަކަށް ފައިސާ ލިބޭނެ ހަރުދަނާ ގޮތްތަކެއް ހޯދުމާއެކު އެތެރޭގެ އިންތިހާބުގައި ހަމަހަމަ ފުރުސަތު ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، ޕާޓީ ހިންގަން ހުންނަ މީހާ ގައުމީ އިންތިހާބެއްގެ ޓިކެޓް ހޯދުމަށްޓަކައި ބާއްވާ ޕްރައިމަރީތަކުގައި ވާދަނުކުރެވޭގޮތަށް ކަނޑައެޅުމަށާއި، ލީޑަޝިޕާ މެދު ފެންނަ ނުފެންނަ ވޯޓް ނެގުމުގެ ފުރުސަތު ހޯދުމަށާއި ލީޑަޝިޕުގައި ތިބޭ މީހުން ޖަވާބުދާރީވާން ލާޒިމް ކުރުމަށް

ނަތީޖާ:

ޕާޓީތަކުން ފައިސާ ހަރަދު ކުރަނީ ޕާޓީ އާއި މެމްބަރުންގެ މަސްހަލަތު ހިމާޔަތް ކުރެވޭނެ ހަމަ އާއި އިންސާފުންކަން ކަށަވަރުވެ، ޕާޓީ ހިންގުމުގެ ޒިންމާ އާ ހަވާލުވެ ތިބޭ މީހުންނަށް އިންތިހާބުތަކުގައި ވާދަ ނުކުރެވުމާއި ޕާޓީ ހިންގާ މީހުން ޒިންމާދާރުކުރެވި ޖަވާބުދާރީ ކުރުމަށް ފަސޭހަވެ، ނަޒާހަތްތެރިކަން ލިބިފައިވާ މީހުންނަށް ޖާގަ ލިބުން

15. ހުވާ އާ ހިލާފުވާ ސިޔާސީންނަށް މަދަނީ ހާއްސަ އަދަބެއް ކަނޑައެޅުން

ހުށަހެޅުން

ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ހުވާކޮށްގެން ތިބޭ އިސް ހިންގުންތެރިން، ގާނޫނު އަސާސީ އާ ހިލާފު ވެއްޖެ ނަމަ ހާއްސަ އަދަބެއް ކަނޑައެޅުމަށް

ނަތީޖާ:

ރައީސުލްޖުމްހޫރިއްޔާ އަދި ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ހުވާކޮށްގެން ތިބޭ އިސް ހިންގުންތެރިން، ގާނޫނު އަސާސީ އާ ހިލާފު ވެއްޖެ ނަމަ، ދުސްތޫރީ ކުށެއް ކުރި ކަމަށް ކަނޑައެޅޭ ވަކި އަދަބެއް އޮތުމާ އެކު އެ އަދަބަކީ ވަކި މުއްދަތަކަށް އިންތިހާބުތަކުގައި ވާދަ ނުކުރެވޭ ގޮތް ހެދުމާއެކު، ޓެކްސް ފައިސާއިން މުސާރަ ލިބޭ މަގާމެއް ވަކި މުއްދަތަކަށް އަދާ ނުކުރެވޭގޮތަށް ހަމަޖެހުން

Powered by Froala Editor