1. ރައްޔިތުންގެ ބާރު
މައްސަލަ:
ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގައި ބުނާގޮތުން ދިވެހި ދައުލަތުގެ ހުރިހާ ބާރުތައް ފެށިގެން އަންނަނީ އަދި ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައެވެ. އެހެން ނަމަވެސް، އިންތިހާބު ނިމި ރައްޔިތުންގެ ހާދިމުން ނުވަތަ މަންދޫބުން މަގާމު ތަކާ ހަވާލުވާ ހިސާބުން އާންމު ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ބަދަލުގައި އެމީހުން ރައްޔިތުންގެ މައްޗަށް "ވެރިކަން" ކުރަން ފަށައެވެ. ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމުގައިވެފައި، އިންތިހާބު ކުރަނީ ރައްޔިތުންގެ ހާދިމުން ކަމުގައިވީނަމަވެސް، އިންތިހާބުކުރި ހާދިމުން ރައްޔިތުންނަށް ޖަވާބުދާރީވާ ސިޔާސީ ސަގާފަތެއް ރާއްޖެއަކު ނެތެވެ. އަދި ޖަވާބުދާރީވާން ދެކޮޅުވެސް ހަދައެވެ. އެހެން ކަމުން، އިންތިހާބުކުރި ހާދިމުން ރައްޔިތުންނަށް ޖަވާބުދާރީ ކުރުވާން ލިބެނީ އިންތިހާބުތަކުގައި ލިބޭ ވޯޓުލުމުގެ ހައްގު މެދުވެރިކޮށް ލިބޭ ހަނި ފުރުސަތެކެވެ.
'އެދޭރާއްޖެ' ހުށަހެޅުން:
އެއް އިންތިހާބާއި އަނެއް އިންތިހާބާއި ދެމެދުގައި ހިނގާ ކަންކަމުގައި ރައްޔިތުންގެ ބާރު ދެމިއޮންނަކަން ޔަގީން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިބޭ މީހުންނާއި ކޮމިޝަނަރު އޮޕް ޕޮލިސްގެ މަގާމުން ވަކި ކުރުމުގެ އެންމެ ފަހު ބަސް ބުނުމުގެ ގޮތުން ފެންނަ ނުފެންނަ ވޯޓް ނަގަން ޖެހޭގޮތަށް ކަނޑައަޅައި އަދި ދައުލަތާއި ސަރުކާރު ހިންގަން ތިބޭ ހާދިމުން ނިންމާ މުހިންމު ނިންމުންތަކާއި އަމަލުތަކަށް ރައްޔިތުންގެ ބަސް އިއްވޭނެ ގޮތްތަކެއް އޮންނާން ޖެހެއެވެ. މިގޮތުން:
1. ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނިންމުންތައް މުރާޖައާ (ރިވައިޒް) ކުރަން އެންގުމުގެ ދުސްތޫރީ ބާރު ރައްޔިތުންނަށް ލިބުމާއެކު ޕެޓިޝަން ހުށަހެޅޭނެ ނިޒާމެއް އުފަންވުން
2. ރައީސުލްޖުމްހޫރިއްޔާ، މަޖިލިސް މެމްބަރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ކޮމިޝަނަރު އޮޕް ޕޮލިސް އާއި ޕްރޮސިކިއުޓަރ ޖެނެރަލާއި ބަންޑާރަ ނާއިބު އަދި އޮޑިޓަރ ޖެނެރަލް، މިނިވަން މުއައްސަސާ ތަކުގެ މެމްބަރުން، މޭޔަރުން، ކައުންސިލަރުން ފަދަ މަގާމު ތަކުގައި ތިބި ފަރާތްތަކުގެ ނަޒާހަތްތެރިކަމާ ޒިންމާ އަދާ ކުރާ ގޮތާމެދު ސުވާލު އުފެދޭ ހިނދު، ރައްޔިތުންގެ ފަރާތުން އެކަން ބެލުމަށް މަޖިލީހަށް ހުށަހެޅޭނެ މަގެއް އުފަން ކުރުން.
3. ރައްޔިތުންގެ ފަރާތުން (ވަކި އަދަދެއް ނުވަތަ އިންސައްތައެއްގެ ފުޅާ ބަހުސަކަށްފަހު ކަޑައަޅައި) ޕެޓިޝަނެއް ހުށަހަޅައިފިނަމަ އެކަމާމެދު މަޖިލީހުގައި މަޝްވަރާކޮށް ގޮތެއް ނިންމުމަށް ލާޒިމު ކުރުން.
4. ގާނޫނުއަސާސީ އިސްލާހުކުރުމަށް ރައްޔިތުންގެ ފަރާތުން ހުށަހެޅުމުގެ ފުރުސަތު ފަހިކޮށް، ގެންނަ އިސްލާހުތައް ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން.
5. ރައީސުލްޖުމްހޫރިއްޔާ، މަޖިލީހުގެ މެމްބަރުން، ސިޔާސީ ޕާޓީތައް، ދައުލަތުގެ ކުންފުނިތައް، މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ ހިންގުންތެރީން ޖަވާބުދާރީ ކުރުވަނި އުސޫލަކުން ވަކި މުއްދަތުތަކެއްގައި ރައްޔިތުންނަށް ޖަވާބުދާރީވުން.
6. ގާނޫނުއަސާސީ އިސްލާހު ކުރާންވާނީ އެ ހުށަހެޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފުރުސަތު ދިނުމަށް ފަހު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން.
7. މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިބޭ މީހުންނާއި ވަކި ހަމައަކުން ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް އޮތުން
8. އިންތިހާބީ މަގާމުތަކުގައި ތިބޭ ރައްޔިތުންގެ މަންދޫބުންގެ މައްޗަށް ރިކޯލް ވޯޓު ނެގުން
9. މީގެ އިތުރުންވެސް ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ދައުލަތް ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ ފަރާތުން ބަސް އިއްވުމަށް މަގުފަހި ކުރުމުގެ ގޮތުން ޑިރެކްޓް ޑިމޮކްރަސީ ނުވަތަ ސީދާ ޑިމޮކްރަސީގެ އަސާސްތައް، ހިންގުމުގެ ނިޒާމަށް ތައާރަފް ކުރުން.
ނަތީޖާ:
ރައްޔިތުންގެ ބާރު ހިނގާކަން ކަށަވަރު ކުރެވި، ގައުމުގެ މަންފާއަށް ވުރެ ސިޔާސީންގެ ފައިދާއަށް ކުރާ ކަންކަން ނިމުމަކަށް ގެނެވި، ރައްޔިތުންގެ ކަންބޮޑުވުންތައް ޕެޓިޝަން މެދުވެރިކޮށް ދައުލަތުގެ މުއައްސަސާތަކަށް ހުށަހެޅުމުން އެކަންކަން ބެލުން މަޖުބޫރުވާ ހާލަތެއް ދުސްތޫރީ ގޮތުން އުފަންވެ، ޑައިރެކްޓް ޑިމޮކްރަސީގެ އަސާސްތައް ހިންގުމުގެ އޮނިގަނޑުގެ ތެރެއަށް ތައާރަފްކޮށް، ރައްޔިތުންގެ ތެރެއިން އެކަށޭނަ އިންސައްތައެއް ދައުލަތުގެ މަގާމު ތަކުގައި ތިބި ހިދުމަތްތެރީންގެ ނަޒާހަތްތެރިކަމާ ނުވަތަ ޒިންމާ އަދާ ކުރާގޮތާ މެދު ސުވާލު އުފައްދައިފި ހިނދެއްގައި ފެންނަ ނުފެންނަ ވޯޓެއް ބާއްވަން ޖެހޭ ގޮތަށް ނިޒާމް ބައްޓަންކޮށް، ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ އަތްމައްޗަށް ގެނައުމުން، ހިންގުމުގެ ނިޒާމުގެ އެކި ހަރުފަތްތަކުގައި ރައްޔިތުންގެ ބާރު ކަށަވަރު ކުރެވިގެންދާނެއެވެ.
Powered by Froala Editor