ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާ ކުރުން
9
ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާ ކުރުން

މައްސަލަ:

ސިޔާސީ ޕާޓީތަކަކީ ޑިމޮކްރަޓިކް ނިޒާމެއްގަ ރައްޔިތުންގެ އުންމީދުތަކާ ހުވަފެންތައް ހިންގުމުގެ ނިޒާމު ތެރެއަށް ގެނައުމުގައި އެންމެ މުހިންމު ރޯލެއް އަދާ ކުރާ މުއައްސަސާއެވެ. އެހެން ނަމަވެސް، އެކި ސަބަބުތަކަށްޓަކައި ޕާޓީތަކަށް ފައިސާދޭ ފަރާތްތަކުގެ މަސްލަހަތު، ނުވަތަ ޕާޓީގެ ލީޑަރުންގެ ޒާތީ މަސްލަހަތު، ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް އިސް ކުރެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ބާރު ގެއްލި، ސިޔާސީ ނިޒާމަކީ ފައިސާއާ ނުފޫޒަށް ލެނބޭ އެއްޗަކަން ވެގެންދެއެވެ.

އެދޭ ރާއްޖޭ'ގެ ހުށަހެޅުން:

ސިޔާސީ ޕާޓީތަކަކީ ރައްޔިތުންގެ މަސްލަހަތު ޔަގީންކުރާ ބައެއްކަން ކަށަވަރު ކުރުމަށްޓަކައި ތިރީގައިވާ ކަންކަން ހުށަހަޅަމެވެ.

1. ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި، ސިޔާސީ ކަންކަމަށް ހޯދާ ފައިސާގެ ތަފްސީލު ހާމަކުރުމަށް މަޖުބޫރުކުރާ ހަރުދަނާ ނިޒާމެއް އެކުލަވާލުން.

2. މުއްސަނދި ސިޔާސީ ފިކުރުތަކުގެ މާހައުލެއް ގާއިމް ކުރުމުގެ ގޮތުން، ސިޔާސީ ޕާޓީތައް އުފައްދާ ދަމަހައްޓަން ފަސޭހަ ކުރުން. މިގޮތުން ޕާޓީތަކުން 3،000 މެމްބަރުންގެ ދަފްތަރެއް ދެމެހެއްޓުމަށް މަޖުބޫރުކުރުމުގެ ބަދަލުގައި، މަދު އަދަދެއްގެ ރައްޔިތުންގެ ބައިވެރިވުމާއެކު ޕާޓީ ހިންގަން މަގުފަހިކުރުން.

3. ސިޔާސީ ޕާޓީތައް ހިންގުމުގައި ޕާޓީގެ އިސް ހިންގުންތެރިންނަކީ ޕާޓީގެ މެމްބަރުންނާއި ގައުމުގެ މަސްލަހަތު ހިމާޔަތް ކުރާ ބައެއްކަން ޔަގީން ކުރުމުގެ ގޮތުން، މެމްބަރުންނަށް ޖަވާބުދާރީ ކުރެވޭނެ އުސޫލުތަކެއް ކަޑައެޅުން. މިސާލަކަށް ސިޔާސީ ޕާޓީތަކުގެ އިސް ހިންގުންތެރީން ޕާޓީގެ މެމްބަރުންނަށް ސީދާ ޖަވާބުދާރީ ވާނެ އުސޫލުތަކާ، އަދި މެމްބަރުންނަށް އެ ފަރާތްތަށް މަގާމުން ދުރުކުރެވޭނެ އުސޫލުތަކެއް ކަނޑައެޅުން.

4. ދައުލަތުން ސިޔާސީ ޕާޓީތަކުގެ ދަފުތަރު ބެލެހެއްޓުން ހުއްޓާލުމާއި ޕާޓީތައް ހިންގުމަށް ދައުލަތުން ފައިސާ ދިނުން ހުއްޓާލުން.

ނަތީޖާ:

ސިޔާސީ ޕާޓީގެ ހިންގުން ހަރުދަނާ ކުރެވި، ސިޔާސީ ފައިސާގެ އަސްލު ފެންނާނެ ނިޒާމެއް ގާއިމް ކޮށްފިނަމަ، ފޮރުވިފައިވާ މަސްލަހަތުތަކުން ރައްޔިތުންގެ މައްޗަށް ގަދަވެގަތުމުގެ ބާރު ކުޑަކުރެވި، ހިންގުމުގެ ނިޒާމުގައި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރެވިގެން ދާނެއެވެ.
ފެނޭ
ނުފެނޭ
ކޮމެންޓް