ގައުމީ ތަސައްވަރާއި ދުރުރާސްތާގެ ޕްލޭން
3
ގައުމީ ތަސައްވުރު

މައްސަލަ:

ދިވެހިރާއްޖޭގެ ތަރައްގީގެ މިސްރާބު، ކޮންމެ ފަސް އަހަރަކުން ސަރުކާރާއިއެކު ބަދަލުވަމުންދެއެވެ. ގައުމީ ތަރައްގީގެ ތަސައްވުރެއް ނެތި، ދިގުރާސްތާގެ ޕްލޭނެއްނެތި، ހަރަދު ބޮޑު ބިޔަ މަޝްރޫއުތައް ސިޔާސީ ބޭނުމަށް ސަރުކާރުތަކުން ތަންފީޒު ކުރެއެވެ. އަދި އަތޮޅުތަކުގައި ސިޔާސީ ބޭނުމަށް ބައެއް މަޝްރޫއުތައް ސަރުކާރުތަކުން ދަނީ ހިންގަމުންނެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ވަސީލަތްތައް އިސްރާފުވެ، ދައުލަތުން ކުރާ ހޭދައިން ގައުމަށް ލިބެންޖެހޭ ކުރިއެރުން ނުލިބެއެވެ.

އެދޭ ރާއްޖޭގެ ހުށަހެޅުން:

1. ކަމާ ގުޅޭ އިލުމާއި ތަޖުރިބާ ހުރި މީހުންނާއި ކައުންސިލްތަކާ، މަދަނީ މުޖުތަމައު އާއި، ރައްޔިތުންގެ މައުނަވީ ބައިވެރިވުމާއެކު މުޅި ރާއްޖެ ހިއްސާވާ، ގައުމީ ތަރައްގީގެ ތަސައްވުރާއި ޕްލޭންއެއް އެކުލަވާލާއި، ގާނޫނީ ބާރުދިނުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން.

2. ގާނޫނު އަސާސީން ރައްކާތެރިކަން ލިބިފައިވާ ގައުމީ ތަސައްވުރަކާއި ގައުމީ ތަރައްގީގެ ޕްލޭނަކަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ކުރުން

3. މިގޮތަށް އެކުލަވާލާ ޕްލޭންއަކަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދައިގެން.

ނަތީޖާ:

މުޅި ދިވެހިރާއްޖެ ހިއްސާވާ ތަރައްގީގެ ތަސައްވުރެއް އެކުލަވާލެވި، ކޮންމެ ސަރުކާރެއް އޮތް ކަމުގައި ވިޔަސް، ގައުމީ ތަރައްގީގެ ޕްލޭނަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމުވެ، ތަރައްގީގެ ކަންކަން އެއްކީލިވެ، އެއް މިސްރާބަކަށް ދާން މަގުފަހިވާނެއެވެ. ހަމަ އެހެންމެ، ސިޔާސީ ބޭނުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހަނި ކުރެވިގެންދާނެއެވެ.
ފެނޭ
ނުފެނޭ
ކޮމެންޓް