އަދުލު އިންސާފު
5
އަދުލު އިންސާފު

މައްސަލަ:

އަދުލު އިންސާފު ގާއިމުވެފަ އޮތުމަކީ ގައުމެއްގެ އިޖުތިމާއި، އިގްތިސާދީ އަދި ސިޔާސީ އަމަންއަމާންކަމާއި ސީދާ ގުޅިފައިވާ ކަމެކެވެ. ފެހި ގާނޫނުއަސާސީން ތަސައްވުރު ކުރީ މިނިވަން ފަނޑިޔާރުގެއެކެވެ. އެހެން ނަމަވެސް ސަރުކާރުތަކުން މަޖިލީހާއި، މުއައްސަސާތަކާއި، އަދި ވަކިން ހާއްސަކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭ.އެސް.ސީ) މެދުވެރިކޮށް ފަނޑިޔާރުގެއަށް ސިޔާސީ ނުފޫޒު ވައްދާކަމާމެދު ޝައްކު އުފައްދާނެ ޖާގައެއް ނެތެވެ. އަދި ހަމަ އެހެންމެ، ހިނގަމުން މިދާ ސަރުކާރާ، ނިމިގެންދިޔަ ސަރުކާރުތަކުގެ ވައުދުތަކުގެ ތެރޭގައި އަދުލު އިންސާފު ގާއިމު ކުރުމުގެ މަގްސަދުގައި ފަނޑިޔާރުގެ މިނިވަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން ސިޔާސީ ނުފޫޒުން ސަލާމަތްކުރަން އެކި ފޯމިއުލާ ހުށަހަޅާފައިވެއެވެ. ނަމަވެސް، އެވައުދުތައް ފުއްދައި ޖޭ.އެސް.ސީ މިނިވަން ކުރުމަށް އެއްވެސް މަސައްކަތެއް ކުރިތަނެއް ނުވަތަ ކުރާތަނެއް ނުފެނެއެވެ.

އެދޭ ރާއްޖޭ'ގެ ހުށަހެޅުން:

އަދުލުވެރި މިނިވަން ފަނޑިޔާރުގެއެއް ގާއިމް ކުރަން 'އެދޭ ރާއްޖޭ'ގެ ހުށަހެޅުންތައް ތިރީގައި ލިސްޓް ކޮށްފައިއެވަނީއެވެ.

1. ފަނޑިޔާރުންނަށް މަގާމުތަކަށް އާދެވޭނެ ގޮތް ދުރާލައި އެނގޭނެ ލިޔެވިފައިވާ ގޮތްތަކެއް ކަނޑައަޅައި، މަދަނީ މުޖުތަމައުގެ ހުށަހެޅުންތަކަށް ބިނާކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ސިޔާސީ ނުފޫޒާއި ސިޔާސީ މީހުން ނުހިމެނޭ ގޮތަށް ބަދަލުކުރުން

2. މިގޮތުން ރައީސުލްޖުމްހޫރިއްޔާއަށާއި، މަޖިލީހުން، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމުގެ ދޮރުތައް ބަންދު ކުރުން.

3. ކޯޓުން ބެލި މައްސަލައަކުން، މީހަކު ނުވަތަ ބަޔަކު ގާނޫނުއަސާސީއާ ހިލާފުވިކަމަށް ފަނޑިޔާރުންނަށް ފާހަގަ ވެއްޖެނަމަ، މައްސަލައިގެ ބާވަތުން ބަންޑާރަ ނާއިބު ނުވަތަ ޕްރޮސެކިއުޓަރ ޖެނެރަލް އެކަމާ ގުޅޭގޮތުން ގާނޫނީ ފިޔަވަޅު އެޅުން.

ނަތީޖާ:

ފަނޑިޔާރުގެ ނުފޫޒުން މިނިވަން ކުރެވިއްޖެނަމަ ގައުމުގައި ސިޔާސީ، އިޖުތިމާއި އަދި އިގްތިސާދީ އަދުލު ގާއިމް ކުރެވި، ސަރުކާރު ހިންގަން ތިބޭ ފަރާތްތަކަށް ގާނޫނުއަސާސީގެ ނިޒާމު ކިލަނބު ކުރުމުގެ ދޮރުތައް ބަންދުވެ، ފަނޑިޔާރުކަމުގެ މަގާމަށް އާދެވޭނެ ސާފު މަގެއް ދުރާލާ އެނގިފައި އޮތް އޮނިގަނޑެއް ލިބި، އިޖްތިމާއީ އަދުލު ގާއިމް ކުރުމަށް މަގު ފަހި ވެގެން ދާނެއެވެ.
ފެނޭ
ނުފެނޭ
ކޮމެންޓް