ދައުލަތް ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބު ކުރުން
މައްސަލަ:
ދިވެހި ދައުލަތް ޖަވާބުދާރީ ކުރުވުމަށް އުފައްދާފައިވާ މުއައްސަސާތައް ގާނޫނުއަސާސީން ތަސައްވުރުކުރި ގޮތަށް ހިނގަމުން ނުދާ ކަމާއި، އަދި އެ މުއައްސަސާތަކަށް އޭރެއްގެ ސަރުކާރުން ނުފޫޒު ފޯރުވާ ކަމުގެ ޝަކުވާ ކުރެއެވެ. މުއައްސަސާތައް ހިންގުމަށް އެކަށޭނެ ސިޔާސީ މާހައުލެއް ނެތުމާއި، ފައިސާއާއި އެހެނިހެން ވަސީލަތް މަދުވުމާއި، ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ނުދިނުމާއި، ގާނޫނީ އޮނިގަނޑު ހަރުދަނާ ނުވުމަކީ، ދައުލަތް ޖަވާބުދާރީ ކުރުމުގެ ޒިންމާ އުފުލުމާ ހަވާލުވެތިބި މުއައްސަސާތައް ވަޅުޖެހިފައިވުމުގެ ސަބަބުތަކުގައި ހިމެނޭ ކަންކަމެވެ.
އެދޭ ރާއްޖޭ'ގެ ހުށަހެޅުން:
ދައުލަތް ޖަވާބުދާރީ ކުރުވުމުގެ ނިޒާމް ރައްޔިތުންގެ މަސްލަހަތުގައި ހިންގުމަށް ތިރީގައިވާ ކަންކަން ހުށަހަޅަމެވެ.
1. މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ ދައުރު މުރާޖައާކޮށް ފުށުއެރުން ހައްލުކުރުން. އަދި މުއައްސަސާތަކުގެ މަސައްކަތް މުރާޖައާކޮށް، އެއްކޮށްލަން ޖެހޭ މުއައްސަސާތައް އެއްކޮށް، ދައުލަތް ޖަވާބުދާރީ ކުރުވުމަށް އިތުރަށް ބޭނުންވާ އިދާރީ އޮނިގަޑު އެކަށައަޅާ ތަންފީޒުކުރުން.
2. އިދާރާތައް އަލުން ތަރުތީބު ކުރާއިރު ރައްޔިތުންގެ ޝަކުވާ ތަކަށް ހައްލު ހޯދުމަށް އޮމްބަޑްސްޕާރސަން އޮފީހެއް އުފެއްދުން.
3. މިނިވަން މުއައްސަސާތައް އަލުން ތަރުތީބު ކުރާއިރު، ސަރުކާރާއި މުޅިން ވަކިން މިނިވަންކަމާއިއެކު ދައުލަތުގެ އެސެޓްތައް ހާމަކޮށް ބަލަހައްޓާނެ ނިޒާމެއް އެކުލަވާލުން.
4. މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށް، ގާނޫނީ ޒިންމާ އަދާކުރާކަން ޔަގީން ކުރުމަށްޓަކައި އެކަށޭނެ މާލީ ވަސީލަތް ފޯރުކޮށްދިނުން.
5. އިލެކްޝަންސް ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން، ސިވިލް ސާވިސް ކޮމިޝަން ފަދަ މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގައި ރައްޔިތުންގެ މަޖިލީހުގަ ހިމެނޭ ޕާޓީތަކުން ހުށަހަޅާ މަންދޫބުން ހިމެނުން.
ނަތީޖާ:
ދައުލަތް ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އަދާކުރުމަށް އުފައްދާފައިވާ މުއައްސަސާތަކުގެ ޒިންމާ ފުރިހަމައަށް އަދާ ކުރާނަމަ އަދުލު ގާއިމްކުރެވި، ހައްގުތައް ކަށަވަރު ކުރެވި، ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދު ކުރެވި، ގައުމުގައި އެންމެ އިސް މަސްލަހަތަކީ އޭރެއްގެ ސަރުކާރު ހިންގާ ފަރާތުގެ ބަދަލުގައި ރައްޔިތުންގެ މަސްލަހަތުކަން ޔަގީން ކުރެވޭނެއެވެ.