ރިޔާސީ ދައުރުގެ މެދުން މަޖިލިސް މެދު އިންތިހާބު ބޭއްވުން
10
ރިޔާސީ ދައުރުގެ މެދުން މަޖިލިސް މެދު އިންތިހާބު ބޭއްވުން

މައްސަލަ:

ގައުމު ހިންގުމުގައި އެންމެ މުހިންމު ދެ ބާރަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހެވެ. މިގޮތުން، ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އެންމެ މުހިންމު އެއް ގުނަވަނެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު ކުރުން އެކުއެކީގައި ބޭއްވުމުން، އެންމެހާ ބާރުތައް "ދެމި އޮންނަނީ" ރައްޔިތުންގެ ކިބަގައި ކަމަށް ބުނާ ބުނުން ނަފީވެ ރައްޔިތުންގެ ބާރު ކެނޑެއެވެ.

1. ރައްޔިތުންގެ ހުރިހާ ބާރެއް އެއް ވަގުތެއްގައި ދިގު މުއްދަތަކަށް ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހާ ހަވާލު ކުރުމުން، އެ ފަރާތްތަކުން ގައުމަށާއި ރައްޔިތުންނަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ދީ، ކިތަންމެ ބޮޑުއިހުމާލެއްވި ނަމަވެސް، 5 އަހަރު ދުވަހުގެ ދައުރު ނިމުމުގެ ކުރިން ރައްޔިތުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތި ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ އަޅުވެތިކަމުގައި ރައްޔިތުން ތިބެން ޖެހި، ރައްޔިތުންނަށް ލިބިފައިވާ ބާރު ކެނޑިގެންދާ މުއްދަތު ދިގުވުން.

2. ސިޔާސީ ބާރުވެރިކަން އެއްކޮޅަކަށް ފުރޮޅި، ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުން ކުރާ ކަމެއްގެ ސަބަބުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން ގައުމަށާއި ރައްޔިތުންނަށް ލިބޭ އެއްވެސް ގެއްލުމެއްގައި، ދެ ފަރާތަކުން ކުރެ އެއްފަރާތަކުން ވެސް އެކަމަށް ޒިންމާނުވެ، ރެކުމުގެ ފުރުސަތު އޮވެ، ރައްޔިތުންގެ ބާރު އެ ފަރާތްތަކާއި ހަވާލުކުރާ މުއްދަތުގައި އެ ފަރާތްތަކުން ދޭ ގެއްލުމާއި ވާ އިހްމާލަށް ޒިންމާނުވުން.

3. ރައްޔިތުންގެ ބާރު ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހާއި ހަވާލުކުރާ މުއްދަތުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ބާރު އެކުވެ މަސްހުނިވެ، ގައުމާއި ރައްޔިތުންގެ ހައްގުތައް ގެއްލި، އަދުލު އިންސާފު ގާއިމުނުކުރެވި ރައްޔިތުންގެ ބާރު ކެނޑުން.

އެދޭ ރާއްޖޭ'ގެ ހުށަހެޅުން: ސިޔާސީ ނިޒާމަކީ ދައުލަތް ޖަވާބުދާރީ ކުރުވަނި މޭރުމުން ތަރުތީބު ކުރެވިފައިވާ ނިޒާމަކަށް ހެދުމަށް ތިރީގައިވާ ކަންކަން ހުށަހަޅަމެވެ.

1. ރިޔާސީ ނިޒާމެއްގައި ނަމަ، ރިޔާސީ އިންތިހާބާއި އެއްކޮށް ރައްޔިތުންގެ މަޖިލީހުގެ 50% ހޮވުމަށް މަޖިލީހުގެ އިންތިހާބެއް ބޭއްވުން.

2. ދައުލަތް ހިންގުމުގައި ސަރުކާރު ޖަވާބުދާރީ ކުރެވޭނެ މައުނަވީ ނިޒާމަކަށް ފަހިވާނެ ގޮތަށް، ރިޔާސީ ނިޒާމެއްގައި ނަމަ، ރިޔާސީ ދައުރުގެ މެދުތެރެއިން، މަޖިލީހުގެ 50% ބަދަލުކުރުމަށް ބޭއްވޭ އިންތިޚާބަކާއި، ކައުންސިލް އިންތިޚާބުގެ ތަރުތީބު ބަދަލުކުރުން.

ނަތީޖާ:

1. ސަރުކާރުތަކުގެ އަމަލުތަކާއި މަޖިލީހުގެ ނިންމުންތަކުގެ ސަބަބުން ގައުމަށް ލިބޭ ގެއްލުންތައް ކުޑަކޮށް ރައްކާތެރިކަން އިތުރު ކުރުމަށްޓަކައި ރައްޔިތުންނަށް ލިބިގެންވާ ބާރު ދަމަހައްޓާ، ދެ ވަގުތެއްގައި އެ ބާރު ބޭނުން ކުރެވޭގޮތަށް ލިބުމާއި، މަޖިލީހުގެ ކޮންޓިނިޔުޓީ ހިފެހެއްޓުން

2. މަޖިލިސް މެމްބަރުން ސަރުކާރުގެ ނާޖާއިޒް ނުފޫޒުގައި ތާށިވެ ތިބޭ ކަމަށް ބުނާ ބުނުން ނިމުމަކަށް ގެނެސް، 1 ޕާޓީއަކުން ދައުލަތުގެ ނިޒާމު 5 އަހަރަށް ހިސޯރު ކުރުން ހުއްޓުވައި، ގޮތް ނިންމުމަށް އިތުރު ފުރުސަތެއް ރައްޔިތުންނަށް ލިބި، މަޖިލީހުގެ ބާރުވެރިކަން ބެލެންސް ކުރުމުގެ ޖާގަ ލިބުން

3. ސިޔާސީ ހާލަތު ރައްޔިތުން ވަޒަން ކުރުމަށާއި ސަރުކާރާއި ސިޔާސީ ހަރަކާތްތެރިންގެ ސިޔާސަތުތައް މިނެކިރާ، ބަދަލު ކުރުމުގެ ޖާގަ ސަރުކާރަށާއި ސިޔާސީ ހަރަކާތްތެރިންނަށް ލިބުން

4. މަދަނީ ހަމަނުޖެހުކަމަށް ނުގޮސް، އިގުތިސާދީ އަނދަވަޅަކަށް ނުވެއްޓި، ސުލްހަވެރިކަމާ އެކު ދައުލަތް ސަލާމަތްކުރަން ޖާގަ ލިބުން.
ފެނޭ
ނުފެނޭ
ކޮމެންޓް