އައްޔަން ކުރާ ސިޔާސީ މަގާމުތަކުގެ އަދަދު ކަނޑައެޅުން
މައްސަލަ:
ސަރުކާރު ހިންގުމަށް ސިޔާސީ މަގާމުތައް އުފެއްދުމާއި އެމަގާމްތަކަށް މީހުން އައްޔަންކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން ލިބޭ ބާރެކެވެ. ނަމަވެސް އެބާރު ނަހަމަ ގޮތުގައި ހިފައި، ބޭނުންނެތް ސިޔާސީ މަގާމްތައް އުފައްދައި، އެކަށޭނަ މިންވަރަށް ވުރެ ގިނައިން އެ މަގާމްތަކަށް މީހުން އައްޔަން ކުރެއެވެ. މިކަމުގެ ސަބަބުން ކޮރަޕްޝަނުގެ ސަގާފަތެއް އުފެދި، ރައްޔިތުންގެ ފައިސާ ވަކި ސިޔާސީ ފަރާތެއްގެ މަސްލަހަތު ކުރިއަރުވަން ބޭނުންކުރެއެވެ.
އެދޭ ރާއްޖޭ'ގެ ހުށަހެޅުން:
ސަރުކާރުގެ އިދާރާތަކުގެ އިސްރާފު ކުޑަކޮށް ތަފާތު ކުރުމެއްނެތި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ތިރީގައިވާ ކަންކަން އެދޭ ރާއްޖެ ހަރަކާތުން ހުށަހަޅަމެވެ.
1. ސަރުކާރުގެ އިދާރާތަކަށް އައްޔަން ކުރާ ސިޔާސީ މަގާމުތަކުގެ އަދަދު ކަނޑައެޅުން.
2. ސިޔާސީ މަގާމުތަކާއި، އެފަރާތްތަކަށް ކުރާ ހޭދައިގެ ތަފްސީލް ކޮންމެ މަހަކުމެ ހާމަކުރާންވާނެ. ސިޔާސީ މަގާމުތަކުގެ ތަފްސީލް ހާމަކުރުމުގައި އެމަގާމް އުފައްދާ ބޭނުމާއި، ހިނގާނެ ކަމަށް ލަފާކުރާ ހަރަދާއި، އެމަގާމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ފައިދާ ސާފު ކޮށްދޭންވާނެ.
ނަތީޖާ:
އެދޭ ރާއްޖޭ'ގެ ހުށަހެޅުން ތަންފީޒު ކޮށްފިނަމަ ސިޔާސީ މަގާމުތަކަށް ކުރާ ހަރަދު ކުޑަކުރެވި، މަތި ބަރު، އިސްރާފު ބޮޑު، ފަސާދަވެފައިވާ ސަރުކާރެއްގެ ބަދަލުގައި، ރައްޔިތުންގެ ފައިސާ ރައްޔިތުންގެ މަސްލަހަތުގައި ހޭދަ ކުރުމަށް މަގުފަހި ވެގެންދާނެއެވެ.