ގާނޫނު އަސާސީ އާ ހިލާފުވާ ދައުލަތުގެ އިސް ހިންގުންތެރީންނަށް އިތުރު އަދަބު ކަނޑައެޅުން
13
ގާނޫނުއަސާސީ އާ ހިލާފުވާ ދައުލަތުގެ އިސް ހިންގުންތެރީންނަށް އިތުރު އަދަބު ކަނޑައެޅުން

މައްސަލަ:

ދައުލަތާއި ސަރުކާރުގެ އިސް ހިންގުންތެރިންގެ ގޮތުގައި ހުވާކޮށްގެން އަންނަ މީހުން، ރައީސުލްޖުމްހޫރިއްޔާ ހިމެނޭ ގޮތަށް، ދުސްތޫރީ އުސޫލުތަކާ ހިލާފުވީ ނަމަވެސް އެކަމަށް ނިޒާމުގެ ތެރެއިން ފަރުވާ ހޯދުން ވަނީ އުނދަގޫ ކަމަކަށް ވެފައެވެ. މިކަން މިހެންވާ ސަބަބު ތަކުގެ ތެރޭގައި، މަޖިލީހާ ފަނޑިޔާރުގެއާއި މިނިވަން މުސްތަގިއްލު މުއައްސަސާތައް ސަރުކާރުގެ ބާރުގެ ދަށަށް ގެނެސް، ސީދާކޮށް އަދި ނުސީދާކޮށް ދައުލަތާއި ސަރުކާރުގެ އިސް ހިންގުންތެރިން މިމުއައްސަސާތައް ހިސޯރުކުރުން ހިމެނެއެވެ.

އެދޭ ރާއްޖޭ'ގެ ހުށަހެޅުން:

ދައުލަތުގެ އިސް ހިންގުންތެރީން ގާނޫނު އަސާސީއާ ހިލާފުވުން ހުއްޓުވައި ދުސްތޫރީ ނިޒާމު ނެގެހެއްޓުމަށް ތިރީގައިވާ ކަންކަން އެދޭ ރާއްޖެ ހަރަކާތުން ހުށަހަޅަމެވެ.

1. ގާނޫނުއަސާސީ އާ ހިލާފުވުމަކީ ދުސްތޫރީ ކުށެއް ކަމަށް ކަނޑައަޅައި ދައުލަތާއި ސަރުކާރު ހިންގުމުގައި ޝާމިލުވާ މީހުންގެ މައްޗަށް ދުސްތޫރީ ކުށުގެ ދައުވާ ކުރެވޭނެ ނިޒާމެއް ކަނޑައެޅުން.

2. ގާނޫނުއަސާސީ އާ ހިލާފު ވެއްޖެ ނަމަ ދުސްތޫރީ ކުށެއް ކުރިކަމަށް ކަނޑައަޅައި، މަދަނީ އަދި ޖިނާއީ ކުށުގެ އަދަބުގެ އިތުރުން ގާނޫނުއަސާސީ އާ ހިލާފުވި މީހާ ނުވަތަ މީހުންގެ މައްޗަށް އިތުރު އަދަބެއްގެ ގޮތުގައި، ވަކި މުއްދަތަކަށް އިންތިހާބުތަކުގައި ވާދަ ނުކުރެވޭ ގޮތް ހެދުމާއެކު، ދައުލަތާއި ސަރުކާރުގެ ވަޒީފާ ވަކި މުއްދަތަކަށް އަދާ ނުކުރެވޭ ގޮތަށް ކަނޑައެޅުން. އަދި ވަކި މުއްދަތަކަށް ދައުލަތާއި ސަރުކާރާއިއެކު ވިޔަފާރީގެ މުއާމަލާތް ނުކުރެވޭނެގޮތް ހެދުން.

3. ދުސްތޫރީ މައްސަލަތައް ބެލުމަށް ފަނޑިޔާރުންގެ ހާއްސަ ބެންޗްތައް އެކުލަވާލައި އެ ބެންޗްތަކާ މައްސަލަތައް ހަވާލު ކުރެވޭނެ ނިޒާމެއް ކަނޑައެޅުން.

4. މިނިވަން ބަންޑާރަ ނާއިބަކު ނުވަތަ ރައްޔިތުން ހުށަހަޅާ ޕެޓިޝަނަކާއެކު މަޖިލީހުގެ މަތިގެއިން އުފައްދާ ކޮމިޓީއެއް މެދުވެރިކޮށް މައްސަލަ ބެލޭނެ ނިޒާމެއް ކަނޑައެޅުން.

5. މި ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނިގެން ނުވާނެ. އަދި ކޮމިޓީ މެމްބަރުން ހޮވުމުގައި މަޖިލީހުގައި ތަމްސީލުވާ ޕާޓީތަކަށް ކޮމިޓީއަށް ނަން ހުށަހެޅުމުގެ ފުރުސަތު ލިބެންވާނެ.

6. މިކަމަށްޓަކައި މަޖިލީހުގެ މަތިގެއިން އެކުލަވާލާ ކޮމިޓީ ހިންގާނެ އުސޫލުތައް ގާނޫނަކުން ކަނޑައަޅާ އާންމު ކުރަންވާނެ.

7. ގާނޫނު އަސާސީއާ ހިލާފުވުމުގެ ނަތީޖާއަކަށްވާނީ މަގާމުން ވަކިކުރުން.

ނަތީޖާ:

ރައީސުލްޖުމްހޫރިއްޔާ އަދި ދައުލަތުގެ އިސް ހިންގުންތެރިން ގާނޫނުއަސާސީއާ ހިލާފުވާ ހިނދު، ނުވަތަ ދުސްތޫރީ އުސޫލުތަކާ ހިލާފުވާ ކަމަށް ފެންނަ ހާލަތްތަކުގަ އެކަމަށް ހައްލެއް ހޯދޭނެ ނިޒާމެއް ގާއިމް ކުރެވިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ގާނޫނުއަސާސީ ނަގަހައްޓަން ފަސޭހަވެ، ރައްޔިތުންނަށް ދައުލަތް ޖަވާބުދާރީވުމުގެ މަގު ފަހި ވެގެންދާނެއެވެ.
ފެނޭ
ނުފެނޭ
ކޮމެންޓް