ރައްޔިތުންގެ މަޖިލިސް ތަރުތީބު ކުރުން
2
ރައްޔިތުންގެ މަޖިލިސް ތަރުތީބުކުރުން

މައްސަލަ:

ރައްޔިތުންގެ މަޖިލިސް އެކުލެވި ހިނގަމުންދާ ގޮތުން މަޖިލީހަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރާ ތަނެއްގެ ބަދަލުގައި، އޭރަކު އޮންނަ ސަރުކާރު ހިމާޔަތް ކުރާ ތަނަކަށް ވަނީ ވެފައެވެ. އަދި ގާނޫނު ހެދުމާ، ދައުލަތް ޖަވާބުދާރީ ކުރުމުގައި މަޖިލިސްވަނީ އިހުމާލު ވެފައެވެ.

'އެދޭ ރާއްޖެ' ހުށަހެޅުން:

ގާނޫނު ހެދުމުގައި އަދި ދައުލަތް ޖަވާބުދާރީ ކުރުވުމުގައި ރައްޔިތުންގެ މަސްލަހަތު ޔަގީން ކުރުމަށް އިތުރު ފަށަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މަތިއެއްގެ އުފައްދައި މަތިގެއަކާއި ތިރިގެއެއް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީސް ތަރުތީބުކޮށް ތިރީގައިވާ ކަންކަން އެދޭ ރާއްޖެ ހަރަކާތުން ހުށަހަޅަމެވެ.

1. މަތިގެއަށް ހޮވާ މެމްބަރުންނަކީ މުޅި ރާއްޖެ ތަމްސީލުކުރާ މަންދޫބުންތަކެއްކަމަށް ކަނޑައަޅައި، މުޅި ރާއްޖެއިން 4 ސަރަހައްދަކަށް ބަހާލައިގެން ނަގާ ވޯޓަކުންކަން ކަނޑައެޅުން.

2. ރައްޔިތުންގެ މަޖިލީހުގެ މަތިގޭގައި ހުރިހާ އަތޮޅެއް ތަމްސީލުވެފައިވުން.

3. ރައްޔިތުންގެ މަޖިލީހުގެ މަތިގެއާ ތިރިގޭގެ މެމްބަރުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް މަޖިލީހުގެ އަދަދާއި ޝަރުތުތަކާމެދު މަޝްވަރާ ކުރުން.

4. މުޅި އަތޮޅުންނާއި ސިޓީއިން ވޯޓުލައިގެން ތިރިގެއަށް މެންބަރުން އިންތިހާބުކުރާގޮތަށް ބަދަލުކުރުން.

5. ދައުލަތުގެ މިނިވަން މަގާމުތަކަށް ހޮވާ ފަރާތްތައް ނެގުމާއި ވަކި ކުރުމުގެ ޒިންމާ މަތިގެއަށް ހަވާލުކުރުން.

6. ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް މިނިވަންކަމާއެކު ވޯޓު ލެވޭނެކަން ޔަގީންކުރުން. އަދި ވޯޓުލާ ގޮތަކުން ގޮނޑި ނުގެއްލޭނެކަން ކަނޑައެޅުން

7. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވިޔާފާރި ކުރުން މަނާ ކުރުން. އަދި މަގާމުން ވަކިވުމުންވެސް 2 އަހަރު ވަންދެން ސަރުކާރާއެކު އެއްވެސް ވިޔަފާރިއެއް ކުރުން މަނާ ކުރުން.

8. ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ޖަވާބުދާރީވާކަން ޔަގީން ކުރުމުގެ ގޮތުން ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް މަންދޫބުން މެދުވެރިކޮށް ވަގުތުން ޖަވާބު ދިނުމަށް މަދުވެގެން އަހަރަކު ދެ ފަހަރު ރައްޔިތުންގެ މަޖިލީހުގެ މަތީގެއަށް ހާޒިރުވެ ރައްޔިތުންގެ މަންދޫބުންގެ ސުވާލުތަކަށް ޖަވާބުދާރީވުން.

ނަތީޖާ:

މަޖިލީހުގެ މަތިގެއެއް އޮތުމުން ގާނޫނު ހެދުމުގައި އަދި ދައުލަތް ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަސްލަހަތު ޔަގީން ކުރުމަށް އިތުރު ފަށަލައެއް އުފެދިގެންދާނެއެވެ. މީގެ އިތުރުން މަޖިލީހުގެ މެމްބަރުންގެ އަދަދު ހައްދެއްނެތް މިންވަރަށް އިތުރުވަމުން ދިޔުން ހުއްޓުވުމާއި، މަދު ބައެއްގެ މައްޗަށް ނާޖާއިޒު ނުފޫޒު ފޯރުވައިގެން އިންތިހާބު ކާމިޔާބު ކުރާ ކަމަށް ކުރާ ތުހުމަތުތައް މަދުވުމާއި އިންތިހާބީ މީހާ ފިލައިގެން އުޅޭ އުޅުމަށް ނިމުމެއް ގެނެސް، ހުރިހާ ރައްޔިތުންގެ މަސްލަހަތު ހިމާޔާތް ކުރުމަށް މަގުފަހި ވެގެން ދާނެއެވެ. ރައްޔިތުންގެ މަޖިލިސް އެކުލެވިގެންދާނީ މަތިގެ އަދި ތިރިގެއަށެވެ.
ފެނޭ
ނުފެނޭ
ކޮމެންޓް