ކުންފުނިތައް
މައްސަލަ:
ދިވެހި ރާއްޖޭގެ ތާރީހުގަ ހިންގާފައިވާ ބޮޑު މާލީ ކޮރަޕްޝަންތައް ހިންގާފައިވަނީ ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށެވެ. މިގޮތުން އެމްއެމްޕީއާރުސީ އަދި އެފްޕީއައިޑީ ކޮރަޕްޝަން ހިމެނެއެވެ. ދައުލަތުގެ އެހެން ގުނަވަންތަކާއި މުއައްސަސާތަކާ ހިލާފަށް ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ޖަވާބުދާރީ ކުރުވުމަށް ހުރި ފުރުސަތުތައް މަދެވެ. އަދި ސަރުކާރު ހިންގާ ފަރާތަށް ފަސޭހަ ކަމާއެކު ކުންފުނީގެ ނިވަލުގައި ދައުލަތަށް ގެއްލުންވާގޮތަށް ކުންފުނީގެ އޮނިގަނޑު އެކުލަވާލައި، ސިޔާސީ ބޭނުމަށް ވަޒީފާ ދިނުމަކީ އާންމު ޝަކުވާއެކެވެ. ހަމަ އެހެންމެ، ދައުލަތުގެ ކުންފުނިތައް ރައްޔިތުންނަށް ޖަވާބުދާރީ ކުރެވޭނެ ދޮރުތައް ވަނީ ބަންދުކުރެވިފައެވެ. އެހެންކަމުން ދައުލަތުގެ ގިނަ ކުންފުނި ތަކަކީ ދައުލަތުގެ އެހެން އިދާރާތަކުން ދަމަހައްޓާ މިންގަނޑަށްވެސް ހެޔޮހިންގުމުގެ އަސާސްތައް ނުހުންނަ ކުންފުނިތަކެކެވެ. މިކަމުގެ ސަބަބުން ކުންފުނި ތަކުގެ ހިންގުން ދޯހަޅިވެ، ރައްޔިތުންގެ ފައިސާ ވަކި ބަޔެއްގެ ސިޔާސީ ބޭނުމަށް ހޭދަ ކުރުމުގެ ފުރުސަތު ލިބެއެވެ.
އެދޭ ރާއްޖޭ'ގެ ހުށަހެޅުން:
ވަކި ސިޔާސީ ފަރާތްތަކަށް ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ފައިދާ ހޯދުމާއި، ކުންފުނިތަކުން ކޮރަޕްޝަން ނައްތާލުމަށް ތިރީގައިވާ ކަންކަން 'އެދޭ ރާއްޖެ' ހަރަކާތުން ހުށަހަޅަމެވެ.
1. ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން އެއްބަސްވާ މީހުން ޕީސީބީ އަށް އައްޔަންކުރުމާއި، ދައުލަތުގެ ކުންފުނިތައް އުފެއްދޭނީ ރައްޔިތުންގެ މަޖިލީހުގެ މަތިގޭގެ ރުހުން ލިބިގެންކަމަށް ކަނޑައެޅުން.
2. ޕީސީބީ އަދި މަޖިލީހުން، ކުންފުނި ތަކުގެ ހިންގުމުގެ މިންގަނޑުތަކާ ލަނޑުދަނޑިތައް އާންމުކޮށް، އެލަނޑުދަނޑިތަކަށް ވާސިލްވަނީ ކިހާ ވަރަކަށްކަން ހާމަކުރުން.
3. ކުންފުނި ތަކަށް މީހުން އައްޔަނު ކުރުމުގައި މެރިޓް-ބޭސްޑް ސިސްޓަމެއް ތައާރަފްކޮށް ތަންފީޒުކުރުން.
4. ދައުލަތުގެ ކުންފުނި ތަކަކީ އަމިއްލަ ވިޔަފާރިތަކާ ވާދަކުރާ ބަޔަކަށް ނުވުން. އަދި ދައުލަތުގެ ކުންފުނިތަކުން ފޯރުކޮށްދޭންވާނީ އަސާސީ ހިދުމަތާއި ވަސީލަތްތައް. އަދި ދައުލަތުގެ ކުންފުނިތަކުގެ ދައުރަށް ވާންވާނީ އަމިއްލަ ވިޔަފާރިތަކަށް ނުކުރެވޭ، ނުވަތަ ކުރަން ދަތި ކަންކަމަށް ވުމާއެކު، އައު ސިނާއަތު އުފައްދަން މަގުފަހި ކުރުން.
ނަތީޖާ:
އެދޭ ރާއްޖެ'އިން ހުށަހަޅާ ކަންކަން ތަންފީޒު ކުރެވިއްޖެނަމަ ދައުލަތުގެ ކުންފުނި ތަކުގެ ހިންގުން ހަރުދަނާވެ، ކޮރަޕްޝަން ކުޑަކުރެވި، ކުންފުނިތަކުން ކުރާ ހަރަދަކީ ރައްޔިތުންގެ މަސްލަހަތުގައި ކުރާ ހޭދައަށް ވެގެންދާނެއެވެ. އަދި ކުންފުނިތައް ރައްޔިތުންނަށް ޖަވާބުދާރީ ކުރުވުމަށް ފަސޭހަ ވެގެންދާނެއެވެ.